Search This Blog

Friday, February 24, 2012

ފުރަ މާލޭގެ މަގުތައް އެމް.ޑީ.ޕީ އަންހެންވެރިން ތޮއްޖައްސަން ފަށައިފި.


އިންޞާފުގެ ދަތުރު - އަންހެނުންގެ ރޫޙު ގެ ރެލީ
 އަންހެނުންނަކީ ޤައުމުގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ދިވެހި އަންހެނުންނަށް ތާއަބަދަށް ތަކުރާރުކޮށް މައުނަވީ ސިފައެއްގައި ހަނދާންކޮށްދެމުން ދިޔައީ މޯލްޑިވިއަން ޑިމޮކްރެޓކް ޕާޓީންނެވެ. އަންހެނުން ޤައުމީ މަސައްކަތައް ނެރެ، ބާރުވެރިކުރުވައި، އެވެރިންގެ އަޑު މުޖުތަމަޢުގައި އުފުލާނެ ޖާގަ އެމް.ޑީ.ޕީން ހޯދައި ދިނެވެ. ނަތީޖާއަކަށްވީ، މިއަދު މިރާއްޖޭގެ އަންހެނުން، އެންމެހާ ކަންތައްތަކުގައި ބިރުފަހަނަ އަޅައިގޮސް ސީދާ ސިޔާސީ ހަރަކާތްތަކަށް ލަޝްކަރުތަކެއްގެ ގޮތުގައި  ނިކުތުމެވެ.  ވަރަށް ގިނަ އަންހެނުން މިއަދުވަނީ، ތިންބާރު ވަކިކުރާ ޞަރަޙައްދަށް އެއްވެ، އަވަސް އިންތިޙާބަކަށް ބޭނުންވާކަމަށް އަޑު އުފުލައިފައެވެ. ނޫކަށިޒުވާން އަންހެން ޖިންސުން ލަތީފުންނާއި އެހާ މުސްކުޅިނޫން މޫނަށް ރޫނުޖެހޭ މައިންނާއި މުސްކުޅިވެ މޫނަށް ރޫޖެހިފައިވާ އެކަމަކު ހިތްވަރު ހުރި މާމައިންނެވެ. އަދި މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއްކަމާއި، ބޭނުންވަނީ ވޯޓު ލައިގެން ހޮވާ ވެރިއެއްކަމަށް އެބައިމީހުން ހަރު އަޑުން ގޮވިއެވެ. އަދި ސިފައިން އަންހެނުންނަށް އަނިޔާ ނުކުރުމަށާއި އަންހެނުން ނިކަމެތި ނުކޮށްލުމަށްވެސް އިއްތިމާސް ދެންނެވިއެވެ. ނުހަނު އެމް.ޑީ.ޕީ ޖޯޝާއި ރޫޙާއި އެކުއެވެ. ނޫކުލައިގެ ތިލަފަތެއް މެދުގައި ފަވާލެވިފައިވާ ރަން ރީނދޫ ދިދަތައް ވަޔާއެކު ޖައްވުގައި ނުހަނު ފުރިހަމައަށް ވިހުރެމުން ދިޔައީ، އެމް.ޑީ.ޕީ ގެ ކުރިމަގު މިރާއްޖޭގެ ރައްޔިތުންނަށް އަންގަމުން ދިޔަކަހަލަ ގޮތަކަށެވެ. މިގޮތަށް ޤައުމުގެ އަންހެނުން ނިކުތުމުން، ޤައުމުގެ އިޖްތިމާޢީ ފޭރަން އިތުރަށްހީނަރުވެ، ޢާއިލީ މައްސަލަތައް މުޖުތަމަޢުގައި ގިނަވެދާނެތޯއެވެ؟ ނޫނީ، އަންހެނުން ސިޔާސީ ކަންތައްތަކުގައި ބައިވެރިވުމުން، ދަރީންގެ ތަޢުލީމަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެތޯއެވެ؟ ނޫނީ ޤައުމިއްޔަތު އިތުރަށް ބަދަހިވެ، އަންހެނުންގެ ޙައްޤުތައް ރައްކާކުރެވި، އެބައިމީހުން މުޖުތަމަޢުގައި ބާރުވެރިވެ، ޤައުމީ، ސިޔާސީ، އިޖްތިމާޢީ ކަންކަތައްތައް އިތުރަށް މި ޤައުމުގައި ހަރުދަނާ ވެގެންދާނެތޯއެވެ؟ މިސުވާލުތަކައް ގޮތް ނިންމުމަށް ތިޔަ ބޭފުޅުންނަށް ދޫކޮށްލަމެވެ. އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ، އަންހެނުންނަށްވެސް އެބައިމީހުންގެ ބަސް މިނިވަން ވެއްޓެއްގައި ބުނުމުގެ ފުރުޞަތު އޮންނަންވާނެ ކަމެވެ. އަދި އެބުނާ ބަހަކީ، އަވަހަށް މިނިވަން އިންތިހާބެއް ބޭއްވުން ކަމަށްވަނީ ނަމަ، ސިޔާސީ ފަރާތްތަކުން އެ އަޑު އަހަން ޖެހޭނެ ކަމެވެ. އަދި ސިޔާސީ ފަރާތްތަކުން އެ އަޑު އަހައި އެކަމުގައި ދެކޭ ގޮތެއް މިޤައުމުގެ އެންމެހާ ރައްޔިތުންނަށް އެންގުމެވެ. މިވަރުކަމެއް ސިޔާސީ ޕާޓީތަކަށް ނުކުރެވޭނަމަ، ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހުއްޓާލައިގެން ތިބުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވެގެން ވެއެވެ.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.