Search This Blog

Saturday, March 3, 2012

ސްކޫލު ބޯޑުތައް – ޒަމާނީ ތަޢުލީމީ ނިޒާމުގައި މުހިއްމު ދަޢުރެއް ޢަދާ ކުރާނެ...


ޒަމާނީ ތަޢުލީމީ ނިޒާމެއް މި ރާއްޒޭގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ސްކޫލު ބޯޑުތައް އުފައްދައި ސްކޫލުތައް  ހިންގުމުގައި ސްކޫލު ވަށައިގެންވާ މުޖުތަމަޢުގެ ސީދާ ނުފޫޒާ ބާރު ސްކޫލު ބޯޑުގެ ޤަވާޢިދުގެ ތެރެއިން ރައްޔިތުންގެ ބަސް/ ބެލެނިވެރިންގެ ބަސް އިސްކުރެވޭ ގޮތަށް މިޢަދުގެ ތަޢުލީމީ ނިޒާމުވަނީ ވަރަށް ފުރިހަމަ އަށް ބައްޓަން ކުރެވިފައި ކަމަށް ބުނެވިދާނެއެވެ. ތަހުޒީބީ ތަޢުލީމީ ނިޒާމެއް ޤާއިމު ކުރެވިފައިވާ ޤައުމުތައް ގޮތުގައި ސިންގަޕޫރު، ކެނެޑާ، އޮސްޓްރޭލިޔާ ފަދަ ޤައުމުތައް ގޮތުގައި ލިސްޓު ކުރެވޭއިރު، މި ޤައުމު ތަކުގައިވެސް ސްކޫލު ބޯޑުތައް ވަރަށް ރަނގަޅަށް މަސައްކަތް ކުރެއެވެ. ނަމަވެސް، ވިސްލާނަންޖެހޭކަމަކީ، ބޮޑެތި މީހުންގެ ތަޢުލީމުގެ ނިޞްބަތާއި ފެންވަރު މި ޤައުމުތަކާއި ދިވެހިރާއްޖެއާއި ތަފާތުވުމެވެ. ސްކޫލު ބޯޑު ތަކުގައި ބެލެނިވެރިންގެ ފަރާތުން ވަކާލާތުކުރަން ތިއްބަވާނީ މުޖުތަމަޢުގެ ހަރު މީހުންނެވެ. ވީމާ، މި ރާއްޖޭގައި އަދި ސްކޫލު ބޯޑުތަކުގެ ސަބަބުން އެންމެ އެކަށޭނަ ނަތީޖާ ސްކޫލުތަކަށް ނުނެރެވުމަކީ، އަދި އެހާ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.
ސްކޫލު ބޯޑުތައް ސްކޫލުތަކުގައި އުފަންވީދުވަހުން ފެށިގެން ސްކޫލު ބޯޑުތަކަށް ތަފާތުގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމީ އަޅުގަނޑުމެން އެންމެން ދަންނަ ހަޤީޤަތެކެވެ. ގިނަ ސްކޫލުބޯޑުތަކުގައި "ސިޔާސީ" ލޭބަލްވެސް އަޅުގަނޑުމެން އެޅުވީމެވެ. ބައެއް ސްކޫލު ބޯޑުތަކުން ސްކޫލު ޕްރިންސިޕުންނަށް އެތަކެއް ގޯނާ ތަކެއް ކުރިމަތި ކުރުވި ވާހަކަތައް އަޅުގަނޑުމެން ދެއްކީމުއެވެ. ސްކޫލުތަކުގެ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސްކޫލު ބޯޑުތަކުން މަސައްކަތް ކުރަންޖެހޭއިރު، ގިނަ ސްކޫލުބޯޑުތައް ވެފައިވަނީ މުވައްޒަފުންނަށް ހުރި ބިރެއްކަމަށް އަޅުގަނޑުމެން ބުނަމުން އައީމެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިދާރީ ޤަވާޢިދުތަކާއި ޙިލާފަށް ބައެއް ސްކޫލު ބޯޑުތަކުން ޤަވާޢިދުތަކާއި އުޞޫލުތައް ފަރުމާކޮށް ސްކޫލުތަކުގައި ތަންފީޒުކުރަމުން ގެންދިއުމުން، ތަޢުލީމީ ނިޒާމުގެ އެއްގޮތްކަން ގެއްލި، މިނިސްޓްރީ އޮފް އެޑިޔޭޝަން އަށް އިދާރީ އެތަކެއް މައްސަލަތައްވެސް ކުރިމަތި ކުރުވީ ހަމަ މި ސްކޫލު ބޯޑު ތަކެވެ. މި ހުރިހާ ގޮށްޖެހުންތަކާއި އެކުވެސް، ނަތީޖާ ހާޞިލް ކުރި ސްކޫލު ބޯޑުތަކުގެ ޢަދަދުވެސް ވަކިން މަދެއް ނޫނެވެ.
"ސިޔާސީ" ލޭބަލް ސްކޫލު ބޯޑުތަކުގައި އެޅުވުމަކީ، ބައެއް ބެލެނިވެރިން ކުރި ވަރަށް ބޮޑު ގޯހެކެވެ.  މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 2 މެމެބަރުން ސްކޫލު ބޯޑުގައި އައްޔަންކުރާ ގޮތަށް 2009 ވަނަ އަހަރު އެކުލަވާލެވުނު ސްކޫލު ބޯޑުގެ ޤަވާޢިދުގައި އޮތުން ވެގެންދިޔައީ ސްކޫލު ބޯޑުގައި ސިޔާސީ ނުފޫޒު ވައްދަން އެދުވަހުގެ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ބައެއް ބެލެނިވެރިންނަށް ހީކުރެވުމަކީވެސް، ވަރަށް ބޮޑު ކުށްހީއެކެވެ. މި ކުށްހީ އިތުރަށް ވަރުގަދަވެ، ބާރުލިބުނީ ކަމަށް އެކަށީގެންނުވާ، ތަޢުލީމް ލިބިފައި ނެތް، ނާޤާބިލް ބައެއް މީހުން ސްކޫލު ބޯޑުތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އައްޔަންކުރަން ފެށުމުންނެވެ. ނަމަވެސް، ގިނަ ސްކޫލު ބޯޑުތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ތަމްޞީލް ކުރަން އައްޔަންކުރެވުނު ގިނަ މެމްބަރުންނަކީ، ރަށްރަށުގެ ޤަދަރުވެރި، އިޖްތިމާޢީ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާ، އެ ރަށެއްގެ ރައްޔިތުން ޤަދަރުކުރާ ބައެއްކަމަށް ބުނެވިދާނެއެވެ. ވުމާއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލު ބޯޑުތަކަށް އައްޔަންކުރި މެމްބަރުންނާއި މެދު ޝައްކާ ވަޙުމް އުފައްދައި ސްކޫލު ބޯޑު ތަކުގެ މަސައްކަތްތައް ހުރަސް އެޅުން އެއީ ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް ނުދެކެމެވެ.  މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އައްޔަން ކުރި މެމްބަރުންގެ ސިޔާސީ ފިކުރު ސަރުކާރާ އެއްކޮޅަށް ހުރުމަކީ، ކޮންމެހެން ސްކޫލު ބޯޑު ސިޔާސީ ވުމެއް ނޫނެވެ. ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތައް ސްކޫލު ބޯޑުތަކުން ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ފެންވަރާއި މިންވަރު ބެލުމަށާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބަސް މި ބޯޑުގައި ބުނަން ތިބީ އެމް. އޯ.އީ ގެ މެމްބަރުން ކަމަށްވުމުން، ސަރުކާރަށް އިތުބާރުކުރެވޭ ފަރާތްތަކެއް ސްކޫލު ބޯޑުގައި ހިމެނުމަކީ ސަރުކާރުން ކުރާނެކަމެއްކަމަށް އަޅުގަނޑުމެން ބެލެނިވެރިންނަށް ޤަބޫލުކުރަން ޖެހެއެވެ. 2009 ވަނަ އަހަރުގެ ސްކޫލު ބޯޑުގެ ޤަވާޢިދުގެ ރިވިއުއެއް 2011 ވަނަ އަހަރު ހެދި ސްކޫލުތަކަށް ފޮނުވުނެވެ. މުޖާޢަރާ ކުރެވުނު ސްކުލޫ ބޯޑު ޤަވާޢިދު 2011 ގައި ސްކޫލު ބޯޑު އެކުލެވިގެންވާ ގޮތަށް ބަލާލާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ތަމްޞީލް ކުރަން ސްކޫލުބޯޑުގައި މަސައްކަތްކުރާނީ އެމް.އޯ.އީ ގެ އެއް މެމްބަރެކެވެ. މި ބަދަލަކީ "ސިޔާސީ ވިސްނުން" ސްކޫލު ބޯޑާއި މެދު ގެންގުޅުނު ފަރާތްތައް ހިނިތުން ކުރުވާ ފަދަ ބަދަލެއް ކަމުގައި ވީނަމަވެސް، ހަމަ ޤައިމުވެސް، މި ގެނެވުނު ބަދަލާއިމެދު އަޅުގަނޑު ހިތްހަމައެއް ނުޖެހެއެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ ފޯރުކޮށްދެވޭ ތަޢުލީމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ޒިންމާވާޏްޖެހޭއިރު، އެކަންތައް ހަރުދަނާކޮށް މޮނިޓަރ ކުރެވޭގޮތެއް އޮތުމުގެ ބޭނުން ނިހާޔަތަށް ބޮޑުވުމެވެ.
2009 ވަނަ އަހަރުގެ ސްކޫލު ބޯޑުގެ ޤަވާޢިދުގެ ދަށުން ބެލެނިވެރިންގެ 5 މެމްބަރުން ހޮވުމުގައި ދިމާވި، މައްސަލަތަށްވެސް ވަކިން ކުޑައެއް ނޫނެވެ. ބެލެނިވެރިންގެ މެމްބަރުން ހޮވުމުގައި ސީދާ ސިޔާސީ ވާދަ އާއި ފޯރި ގިނަ ރަށްރަށުގައި ހިފައި ސިޔާސީ ޙަރަކާތެއްގެ ގޮތުގައި ބެލެނިވެރިންގެ ކެމްޕެއިންތައް ހިންގުން  އަޅުގަނޑުމެން ހައިރާންކުރުވާންޖެހޭ ކަމެއްކަމުގައި ވުމީ، މި ޤައުމުގެ ވެރިކަމުގެ ނިޒާމާއި ސިޔާސީ ނިޒާމަށް އަދި އަޅުގަނޑުމެން ފަށްކާ ވެފައިނުވާ ކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ބުނުމަކީ އެފަދަ ބޭފުޅުންނަށް ރައްދުކުރެވުނު، މަލާމާތުގެ ބަސްތަކެއް ކަމަށް ކިޔުންތެރިން ނުދެކުން ވަރަށް ބޮޑަށް އެދެމެވެ. ޕާޓީ ރޫޙް އޮތް ރަށްރަށުގައި ވެރިކަންކުރާ ޕާރޓީން 5 މެމްބަރުން އަދި އިދިކޮޅު ކޯލިޝަނުންވެސް 5 މެމްބަރުންގެ ނަން  އިޢުލާނު ކުރިކަން މިއަދު އަޅުގަނޑުމެން ދެނެތިބީމުއެވެ.
ވީމާ، ސްކޫލު ބޯޑުތައް ބައިވެރިކުރުމާއެކު، މި ނިޒާމަށް ސްކޫލު ހިންގުމަށް ތިއްބެވި ވެރިންނާއި ބެލެނިވެރިން ފުރާފުރިހަމަނުވެ، މި ނިޒާމަށް އަހުލުވެރިނުވާތީ މިގޮތަށް މިކަންކަން ހިގާފައި އޮވެދާނެއެވެ. މަދު ސްކޫލެއްނަމަވެސް، ސްކޫލު ބޯޑު އުފަންވީދުވަހުން ފެށިގެންވެސް އެދެވޭ ކުރިއެރުންތަކެއް ސްކޫލަށް ހޯދިއެވެ.
ސްކޫލު ބޯޑުތައް އުފެއްދުމުގެ މަޤްޞަދެއްގެ ގޮތުގައި  ސްކޫލުގެ ޕްރިންސިޕަލުންނަށާއި ވެރިންނަށް ދިމާވާ ފިއްތުންތަކާއި ޕްރެޝަރތައް ކުޑަކުރުން ހިމެނިފައިނުވިއަސް، މި ނިޒާމުން ކިތައްމެ ރަނގަޅަކަށްވެސް މިކަން ސީދާ ގޮތުންނާއި އަދި ނުސީދާ ގޮތުން ކޮށްދެއެވެ. ދަރިވަރުންގެ ބައެއްކަހަލަ އަޙުލާޤީ މައްސަލަތަކުގައި ފިޔަވަޅު އެޅުމާއި، ސްކޫލަށް ބަޖެޓު ކަނޑައަޅައި ބޮޑެތި ޚަރަދުކުރަންޖެހޭ ވަގުތުތަކުގައިއާއި، ސްކޫލަށް ވަޞީލަތް ހޯދުމާއި ސްކޫލުގެ އިންފްރާސްޓްރަކްޗަރު އަށް ބޮޑެތި ބަދަލުތައް ގެނައުމަށާއި މުވައްޒަފުންގެ މައްސަލަތައް ޙައްލުކުރުމުގަ އާއި، މުވައްޒަފުން އައްޔަންކުރުމާއި އަދި ވަކިކުރުމާއި ގުޅުންހުރި އެންމެހާ މައްސަލަތަކުގައިއާއި، ސްކޫލު ރަމްޒީ ޞަހުޞް ތައް ނަގަހައްޓާ ހިފެހެއްޓުމާއި އަދި މި ނޫނަސް ކިތަންމެ ކަމެއްގައި ސްކޫލު ބޯޑުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށްވުމުން، އެ ނިންމުނަކީ ޕްރެޝަރު ކުޑަ ނިންމުމެއްކަން ސްކޫލުގެ ވެރިންނަށް ޔަޤީންކުރެވޭނެއެވެ. އެހެންނަމަވެސް، ސްކޫލުގެ ޕްރިންސިޕަލް އަށް ސަނާކިޔާ، ޕްރިންސިޕަލްގެ ލަފާގެ މައްޗަށް ހަމައެކަނި ނިންމުންތައް ބިނާކޮށްގެން ސްކޫލު ބޯޑުތައް ހިންގައިފިނަމަ، ސްކޫލު ބޯޑު ދިރިއޮތުގެ މާބޮޑު ބޭނުމެއް ނެތެވެ. އަދި މި ބީދައިން، ސްކޫލު ބޯޑަކީ އަބަދުވެސް، ސްކޫލުގެ ޕްރިންސިޕަލް އަދި ސްކޫލުގެ ވެރިންގެ ފަސްބައި ބަލައި އެބައިމީހުންގެ ކުށްތައް ސާބިތުކުރާ ކޮމިޓީއެއްގެ ސިފަ ޖެހިފައިވާ ތަނަކަށް ވުމީވެސް ކަން ވެގެން ވާނެގޮތެއް ނޫނެވެ.
ސްކޫލު ބޯޑުވާންވާނީ، މައްސަލަތައް ހުށަހެޅި މަޝްވަރާ މިނިވަންކަމާއެކު ކުރެވޭ މުއައްސަސާއަކެށެވެ. އަދި ހުރިހާ ހާލަތެއްގައިވެސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ތަޢުލީމީ ސިޔާސަތުތައް ސްކޫލުގައި ތަންފީޒުކުރުމަށްޓަކައި ސްކޫލުތަކަށް ދެވެން އޮތް އެންމެ ބޮޑު އެހީދެއްވަން ވާނެއެވެ. ނިންމުންތައް ނިންމުމުގައި ފަރުދީ މަސްލަޙަތަށްވުރެން މުޖުތަމަޢުގެ މަސްލަޙަތު އިސްކުރަންޖެހޭނެއެވެ.  
ސްކޫލުބޯޑު ޤަވާޢިދު 2011، ކިތައްމެ ފަށްކާވެ ހަރުދަނާވިޔަސް، ސްކޫލުތަކަށް ފައިދާކުރާނީ، ސްކޫލު ލާބަޔާއި މަންފާއަށްޓަކައި ސްކޫލު ބޯޑުގެ ނިންމުންތައް ނިންމިގެންނެވެ. ސްކޫލު ބޯޑުން ހެދޭ ޕޮލިސީ ތަކުން ދަރިވަރުންގެ ތަޢުލީމާ ތަރުބިއްޔަތު ނަގަހަށްޓަކައި ދެމެހެއްޓިގެންނެވެ. ސްކޫލު ބޯޑުގެ ފަރުދީ މެމްބަރުން ކިތައްމެ ވަރަކަށް ސިޔާސީ ވިޔަސް އެއީ ކޮންމެހެން ސްކޫލު ބޯޑުގެ ނިންމުންތައް ސިޔާސީ ވާންޖެހޭ ކަމެއްނޫނެވެ. މިވިސްނުން މުޖުތަމަޢުގެ ބެލެނިވެރިންނަށް އެގެންޖެހެއެވެ.
ސްކޫލުބޯޑުތައް ހިންގުމުގައި ކުދިކުދި އިދާރީ މައްސަލަތައް ކުރިން ފާހަގަކުރެވިފައިވީނަމަވެސް، ސްކޫލު ބޯޑުގެ މުޅި މަޤްޞަދަށް ބަލާއިރު އެއީ އެހާ ބޮޑެތި މައްސަލަތައް ކުރުވާނެ ކަމަކަށްނުވާނީ، ސްކޫލު ބޯޑުގެ އެންމެހާ މަސައްކަތްތައް ސީދާ ޕްރިންސިޕަލްގެ ރޫމުގައިވެސް ކުރިއަށް ގެންދެވޭނެތީއެވެ. ބޭނުންވަނީ ކޮންފަރެންސް މޭޒާއި، އެޖެންޑާ ތަރުތީބާއި ބައެއް ޝްޓޭޝިނަރީސް އެވެ.
2009 ވަނަ އަހަރު ސްކޫލު ބޯޑު ޤަވާޢިދު ފަރުމާކުރެވިފައިވާގޮތުން، ބައެއް ސްކޫލު ތަކުގެ ޕްރިންސިޕަލުން ސްކޫލު ބޯޑުގެ ޗެއަރޕަރސަންއަށް ވުމުގެ ފުރުޞަތު އޮތުމުން، އެ ފުރުޞަތު "ޤާބިލްކަމަށް ދަޢުވާކުރާ" ޕްރިންސިޕަލުން ބޭނުންކުރެއްވީ ބެލެނިވެރިން އެގޮތަށް ބޭނުންވާ ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް، މިފަދަ ތަޢުލީމީ ޕްރިންސިޕަލުންނަށް އެފަދަ ބެލެނިވެރިންނާއި ސްކޫލު ބޯޑުގެ އެހެނިހެން މެމްބަރުންނަށް ވިސްނައިދީ އެހެން ބޭފުޅަކު އައްޔަންކުރައްވަން ބާރު ނޭޅުއްވޭނެތޯއެވެ؟ މިއީ އެއިރު އެއްވެސް ވަރަކަށް ފައިސާގެ އެލަވަންސެއް އެއްވެސް ސްކޫލު ބޯޑުގެ މެމްބަރަކަށް ލިބި ނުލައްވާ އިރުއެވެ. ނަމަވެސް، މިހާރު ފައިސާގެ އެލަވަންސެން ސްކޫލު ބޯޑުގެ މެމްބަރުންނަށް ލިބިލައްވާއިރު މިފަދަ ފުރުޞަތުތަކަށް ބަލާބަލާ ތިބޭނީ ކިތައް ސްކޫލުގެ ވެރިންތޯއެވެ؟
ބައެއް ސްކޫލުތަކުގެ ވެރިންކުރާ ނޭންގާނީ ޢަމަލުތަކާއި ޙަރަކާތްތައް ސްކޫލުބޯޑަށް އެގިގެންދާނެތީވެ، އެކަމާ ހިތްޕުޅާނުވެ، ކިތައްމެ ވެރިންނެއް ސްކޫލު ބޯޑު ގެ ސިޔާސަތަށް ފާޑު ވިދާޅުވިކަންވެސް އަޅުގަނޑުމެންނަށް އެގެއެވެ. ލާމަރުކަޒީ ނިޒާމުގައި މިފަދަ ސްކޫލު ބޯޑުތައް ނުހިމަނައި ސްކޫލުތައް ހިންގުމަށްޓަކައި މިއަދު އެއްވެސް މިންވަރެއްގެ މަސައްކަތެއް ނުކުރެވޭނެކަން މިއަދު އެވެރިން ރަނގަޅަށް ދަންނާނެއެވެ.
ހަރުދަނާ ގޮތަކަށް ސްކޫލުބޯޑުގެ އެހީތެރިކަމާއެކު ސްކޫލުތައް ހިންގޭނެ ހަމައެކަނި ގޮތަކީ ބޮޑެތި މީހުންގެ ތަޢުލީމް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ޢާންމު ކުރެވި، ދަރިވަރުންގެ ބެލެނިވެރިންނަކީ ތަޢުލީމީ ބަޔަކަށް ހެދިގެންނެވެ.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.