Search This Blog

Friday, March 21, 2014

އުއްމީދުންފުރި، އުއްމީދު ގެނެސްދޭ ކެންޑިޑޭޓަށް ވޯޓުދެއްވަމާތޯ؟


މުހައްމަދު ފިރާޟް

ސިޔާސީ ކަންކަމަކީ ހަޞަދައާއި ޒާތީ ތަޢައްޞަބުތެރޭ އެނބުރޭ އެނބުރުމަކަށް ހަދާފިނަމަ، އެއްވެސް ކެންޑިޑޭޓެއްގެ ރަނގަޅު ސިފައެއް އިދިކޮޅު ޙިޔާލުން ފާޅުކޮށްލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވޯޓުނެގުމުގެ  ވަގުތު ކައިރިވަމުން އަންނަ މިދަނޑިވަޅުގައި ތިމާގެ އިޙްތިޔާރުގައިވާ ވޯޓު ދިނުމުގެ ޙައްޤު ވޯޓު ފޮށްޓައް ދޫކޮށްލާއިރު ވިސްނުންތެރިކަމާއެކު، މާޟީގައި ކަންހިނގާފަ ހުރިގޮތަށް ބެލުމެއްނެތި ވޯޓު ދޭންޖެހެއެވެ. އެހެނީ، ކޮންމެ މާޟީއެއްވެސް ނިމި ދަނީ މަދުން ނަމަވެސް އެކުލެވިފައިވާ ކަޅުޞަފުހާ ތަކަކާއެކު އެވެ. މަޢުނަވީ ސަބަބު ތަކަކާއި އެކުވެސް މެއެވެ.
އިހަވަންދޫ ދާއިރާއަކީ ތަޢުލީމީ ،ޒުވާން ،ޤާބިލް ޤަބީލާތަކެއްގެ މައްޗަށް ބިނާވެ އަމިއްލަވަންތަ ކަމާއެކު ދިރިއުޅެމުންއަންނަ ތަހުޒީބާއި ތަރައްޤީއަށް ލޯބިކުރާ ފަހުލަވާނުންތަކެއް ދިރިއުޅޭ މުޖުތަމަޢު އެކެވެ. ހެވާއި ނުބައި ޝައްކެތް ނެތް މިންވަރަށް ވިސްނޭނެއެވެ. މިނިވަން ކަމާއެކު ދިރިއުޅުމަށް ނުހަނު ބޮޑަށް ލޯބިކުރާނެއެވެ. މަސައްކަތްތެރިކަން ކަންޏެއްކަމަށްވުރެން އިސްކުރާނެއެވެ. ކުރިއަށްދިއުމުގެ ފުރުޞަތުތައް 'ދުރުމި' އަޅައި ހޯދާނެއެވެ. ވެރިންގެ ނުފޫޒުން މިންޖުވާން ގަދައަޅާ މަސައްކަތްކުރާނެއެވެ. މިދެންނެވުމު ހުރިހާ ކަމެއް ކުރެވެން އަންނަނީ ހުޅުވާލެވިފައިބާ އިޤްްތިޞާދެއް އެކުލެވޭ، އަދި ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިންނެެވެ.

މި ދެންނެވުނު ބާރުތައްވަކިކުރުމުގެ ނިޒާމަށް ދިވެހިންނާއި އިހަވަންދޫ ދާއިރާގެ ރައްޔިތުން ވަރަށް ފަރިތައެވެ. އެ ތަމްރީނުތައް ފޯރުކޮށްދިނީ މި އަދު މި ދިވެހިރާއްޖެ ހުއްޓެމެއް ނެތި ހަމަ މަގަށް އެޅުވުމަށް މަސަކަތްކޮށްދެއްވި އެންމެ ބޮޑު ޒިންމާދާރު އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކުރަޓިކް ޕާޓީގެ ޢިއްޒަތްތެރި މަޖްލީސް މެމްބަރުންނެވެ. އެހެން ކަމުން އައު ދައުރަކަށް ދިވެހިރާއްޖޭގެ މަޖުލީސް އިންތިޙާބު ކުރެވޭ ހިނދު މިކަމާ ވިސްނާލުން ކީއްތޯއެވެ؟

އަޅުވެތިކަމަކީ ހަމައެކަނި ބޭރުބަޔަކު ރާއްޖެއަށް އައިސް އަތްގަދަކޮށް ސިޔާސީ ގޮތުން ކުރެވޭ އަޅުވެތިކަމެއް ނޫނެވެ. ތިމާގެ މަސައްކަތްތަކާއި، ތިމާގެ ދިރިއުޅުމަށްކުރެވޭ އުއްމީދުތަކަށް އެޅޭ ހުރަހާއި ތިމާގެ ބަހަށް ބާރުފޯރުވާ ނުފޫޒުތައް މި ޤައުމުގައި 2005 ވަނަ އަހަރުގެ ކުރިން އަށަގަނެފައިވާކަން އަޅުގަނޑުމެން ނަށް އެނގެއެވެ. މިނިވަން މީޑިއާ އޮތް ޙާލު އަޅުގަނޑުމެން ދުށީމެެވެ. މިއީ އެބުނާ ޕްރްގްރެސިވް ކޯލިޝަނުގައި މިވަގުތު ތިއްބެވި ވެރިން ބޭނުންވާ ގޮތެވެ. އެ ރައީސުން ފަނޑިޔާރުންނާއި މަޖްލިސް މެމްބަރުން އައްޔަން ކުރިކަން މި ދިވެހިރާއްޖޭގެ ތާރީޙުގައި ލިޔެވި ސިއްކަ ޖެހިއްޖެއެެވެ. އެވެރީން ބާރުތައް އެއްކޮށް ޖަމްޢުކުރިއެވެ.
މި ފިކުރުގައި ނިކަމެތި ރައްޔިތުންނަށް ކުރިއަށް ދެވިދާނެތޯއެވެ؟ އަޅުގަނޑުމެން މަސްވެރިން ބާނަމަހަށް ހަމަ އަގު ނުލިބުނީމާ މުޒާހަރާތައް ކުރުމުގެ ހިތްވަރު ލިބިދާނެތޯއެވެ؟ ދަނޑުވެރިން ބުރަކަމާއި އެކު ގޮވާންކުރާ މޭވާއާއި ތަކުކާރީ ކޮޅު ވިއްކާނެ ބާޒާރުތައް ހޯދަން ވެރިން މަސައްކަތް ކުރާނެތޯއެވެ؟

އެހެން ކަމުން، އިހަވަންދޫގެ ދާއިރާގެ މަޖްލީސްމެމްބަރަކު ހޮވުމަށް މާދަމާ ނެގޭ ވޯޓު ސީދާ ގުޅިލާމެހިފައިވަނީ މިދެންނެވުނު އަޅުވެތިކަމާ ދެކޮޅަށެވެެ. އިންސާނީ އަނިޔާއާއި ދެކޮޅަށެވެ. ބާރުތައް ވަކިކުރުމަށެވެެ. ބޭނުމީ ތަރައްޤީއެވެ.  

ކުރެވެނީ އުއްމީދެކެވެ. އެއީ އިހަވަންދޫ ދާއިރާއަށް ކުރިމަތިލެއްވި މިހާރުވެސް މިދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަހުމަދު އަބުދުﷲ އާ މެދު ކުރެވޭ އުއްމީދެެވެ. ކެންޑިޑޭޓު ނަންބަރު 2 (ދޭއް) ކާ މެދު ކުރެވޭ ފޮނި އުއްމީދެވެ. އެބޭފުޅާގެ މާތް އަޙުލާޤާއި، ރަށްވެހީންނާއި އޮންނަ ގުޅުމާއި މެދުކުރެވޭ ފުޅާ އުއްމީދެެވެ. މިއީ ބާރުތައް ވަކި ކުރާނެ އުއްމީދެވެ. މިއީ ހުޅުވާލެވިފައިވާ އިޤްތިޞާދެއްގެ ތެރެއިން، ވަޒީފާތައް އުފައްދާދޭނެ އުއްމީދެެވެ. މިއީ ތިބޭފުޅުންގެ އަޑު މަޖްލީހުގައި ކަރާމަރާއި ޤަދަރާއި އެކު އިއްވާނެ އުއްމީދެވެ.


No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.