Search This Blog

Saturday, September 6, 2014

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ދިވެހިރާއްޖޭގެ ތަރައްޤީ ޔާގީންކުރެވިދާނެހެއްޔެވެ؟...



އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކަކީ ، ޤައުމުގެ އެތޭރޭގެޞަރަޚައްދު ތަކުގަައި ބޭރުގެ އިންވެސްޓުމަންޓްސް ތަކަށާއި ވިޔަފާރިތައް ގެނައުމަށާއި އެފަރާތްތައް ޝައުޤުވެރިކުރުމަށް، އިޤްތިޞާދީ ސިޔާސަތުތަކާއި އެދު ބަދަހި ކުރެވޭ މިނިވަން ވިޔަފާރީގެ ސިޔާސަތުތައް އެކުލެވޭ ގޮތަށް ޙާއްޞަކުރެވޭ ސަރަޚައްދުތަކެކެވެ.
އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުންް ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދުތައް ހަރުދަނާކުރަންފެށިފަހުން މިއަދާ ހަމައަށް ރަންޖޫބިލް – ބަރާބަރު 50 އަހަރު – ވެފައިވާ އިރު، ދިވެހިރާއްޖޭ އިޤްތިޞާދުގެ ތަނބުތައް ބިނާ ކުރުމަށް އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ބޭނުން މިއަދުގެ ސަރުކާރުން ކުރާނެކަން މިއަދު މިވަނީ ޔަޤީންވެފައެެވެ. އަދި ފުރާފުރިހަމަވެފައިވާ ޤާނޫނެއްގެ ތެރެެއިން މިކަން ހާޞިލްކުރެވޭނެ އިންތިޒާމު މިވަނީ މި ދައުރުގެ ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިދީފައެެވެ. އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ސިޔާސަތު ދުނިޔޭގެ އިޤްތިޞާދުގައި އެންމެ ގަދަޔަށް ވަކިހިއްޕާލީ 1990 ގެ އަހަރުތަކުގައެވެ. ބައިނަލްއަޤަވާމީ މަސައްކަތްތެރިންނާއި ބެހޭ ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 1986 ގައި، ޖުމުލަ 176 އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް، 47 ގައުމެއްގައި ޤާއިމު ކުރެވިފައިވެއެވެ. އަދި މިއަދަދު 2008 ވަނަ އަހަރުވަނީ 3500 އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަަކަށް އިތުރުވެ، 135  ގައުމެއްގެ އިޤްތިޞާދު ފުޅާކުރުމަށް ބޭނުންކޮށްފައެވެ. 2008 ގެ ވޯލްޑު ބޭންކުގެ ރިޕޯޓުތައް ދައްކާ ގޮތުން މި ޒޯނުތަކުން ސީދާގޮތެއްގައި 68 މިލިއަން ވަޒީފާގެ ފުރުޞަތުތައް އުފައްދައި، 500 ބިލިއަން ޑޮލަރުގެ ވިޔަފާރި އުފައްދާފައިވެއެެވެ.

 ވުމާއެކު، މި ރާއްޖޭގެ އިޤްތިޞާދު މުޅިދުނިޔެއަށް ހުޅުވާލައި، މި ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ބޭނުން ހިފިދާނެއެވެ.
2010 ވަނަ އަހަރު، ޗައިނާގައި ޤާއިމު ކުރެވިފައިވާ އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ލިބޭ ފައިދާތައް ވަޒަންކުރުމަށް ކުރެވުނު ދިރާސާއިންވަނީ އަންނަނިވި ކަންތައް ފާހަގަކުރެވިފަައެވެ.
·         ބޭރުގެ އިންވެސްޓުމަންޓުސްތަކުން ބޮލަކަށްޖެހޭ އާމުދަނީ 58 އިންސައްތަ އިތުރުވުން- – މައިގަޑު ގޮތެއްގައި މުދައު އެކްސްޕޯޓު ކުރުމުގެ ވިޔަފާރީގެ ނިޞްބަތް އިތުތުރުން.
·         އަމިއްލަ އިންވެސްޓުމަންޓުތައް ދަށަށް ނުދިއުން
·         ފެކްޓަރީ އުފެއްދުންތެރިކަން 0.6 އިންސައްތައިގެ ކުރިއެރުމެއް ހޯދުން.
·         އައު ޓެކުނޮލޮޖީގެ އީޖާދުތައް އެ ގައުމަށް ލިބުން.


އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް މައިގަނޑުގޮތުގެއްގައި ހިގަމުންއަންނަނީ ތިން އަސާސެއްގެ މައްޗަށް ބިނާކޮށެވެެ. ފުރަތަމަ ކަމަކަށް، ޑިއުޓީއާއި އަދި އެކްސްޗޭންޖު ކޮންޓޮރޯލްސް ތައް ނެތި އިންވެސްޓުކުރާފަރާތްތަކަށް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމުގެ ފުރުޞަތުތައް ލިބެއެވެ. ދެވަނަ ކަމަކަށް، އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް ހިންގުމަށް ސަރުކާރުން ދިގުމުއްދަތައް ލައިސަންސް ދޫކުރަންޖެހެއެވެ. އަދި އިންލޭންޑު ރެވެނިއުގެ ގޮތުގައި ނެގޭ ތަފާތު ޓެކްސްތަކުން މިޞަރަޙައްދުތަކުން ކުރާ ވިޔަފާރި މިންޖުކުރެވެއެވެ. އަދި މިޒޯނުތައް މީހުންދިރިއުޅޭ ޞަރަހައްދުތަކާއި ވަކިކުރުމަށް ފެންސުތައް ޖަހައި ވަރުގަދަ ކަސްޓަމްސް ކޮންޓޮރޯލްސް ތަކާއި އެކު ވަކިކުރެވެއެވެ. އަދި މިތަނުގެ އުފެއްދުންތައް ހާއްޞަކުރަންޖެހެނީ އެކްސްޕޯޓް މާކެޓުތަކަށެެވެ. 
ދުނިޔޭގެ ގިނަ ޤައުމުތަކަށް މި އިޤްތިޞާދީ މޮޑެލްވަނީ ކާމިޔާބު މޮޑެލްއަކަށް ވެފައެެވެ. އިޤްތިޞާދީ ޒޯނުތަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއްޤައުމަކީ ޑޮމެނިކަން ރިޕަބުލިކް އެެވެ. 100000 ( އެއްލައްކަ) ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެއްދުންތެރިކަމުުގެ ސިނާއަތުގައި އުފައްދައި، އެ ގައުމުގެ އިޤްތިޞާދު ދަނޑުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނުވިއެެވެ. ހަމަ މިފަދަ ކުރިއެރުންތައް ހޯދި އިތުރު ޤައުމުތަކުގެ ތެރޭގައި މޮރޮޝިއަސް، ކޮރިއާ، ތައިވާން، ހޮންޑުރަސް އަދި މަޑަގަސްކަރަ ހިމެނެއެވެ. ބަންގާޅު ވަނީވެސް މި ޒޯނުތައް ކާނިޔާބު ޒޯނުތަކަކަށް ހަދައި އިޤްތިޞާދު ދުވެލި އިތުރު ކޮށްފައެވެ.
ނަމަވެސް، އެފްރިކާގައި ޤާއިމުކުރެވުނު މިފަދަ އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް ފެއިލްވެ، ވެފައިވަނީ އެ ޤައުމުގެ ތާރީހުގެ މާޟީގެ ޞަފުހާ އަކަށެވެ. އަދި އެ ޤައުމަށްވަނި އެތަކެއް ފިޅާވަލުތަކެއް ވިސްނާލުމަށް ދޫކޮށްފަައެވެ. މިގޮތުންބަލާއިރު އަންނަނިވި ކަންތައް ފާހަގަ ކޮށްލެެވެއެވެ.
·         ސިޔާސީ އެއްބާރުލުމާއި ސިޔާސީ މަޤްޞަދުތަައް ޒޯނު ތަރައްޤީކުރުމުގައި ވަކި ކުރަންޖެހޭކަން.
·         އަމިއްލަ އިޤްތިޞާދުގެ ފުދުއްތެރިކަމާއި ބާރުވެރިކަން މިޒޯނުތަކަށް ވުރެން ކުޑަވެގެން ނުވާނެކަން.
·         އަދި ފުރިހަމަ ޤާނޫނީ އިހްތިޞާސްއެއްގެ ތެރޭގައި އަބަދުވެސް ޒޯނުގެ ހަރަކާތްތައް ބައްޓަންކުރުމުގެ މުހިއްމުކަން.
 އެހެންކަމުން، އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ދިވެހިރާއްޖޭގެ ތަރައްޤީ ޔާގީންކުރެވިދާނެހެއްޔެވެ؟
އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ރާއްޖެތަރައްޤީ ކުރުމަށް ވިސްނާއިރު، މިކަމަށް ހުރި ގޮށްޖެހުންތައްވެސް އެހާމެ ގިނަގުނައެވެ.
އިންވެސްޓަރުން، ދިވެހިރާއްޖޭގެ އިންސާނީ ވަޞީލަތުގެ ނާޖާއިޖު ފައިދާ ދަށް މުސާރަތަކާއެކު ނަގާނެކަމުގެ ބިރު އެބަ އޮތެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ލިބިދާނެފަދަ އެތަކެއް ޢަމަލުތަކެއް އެފަރާތުން ވިޔަފާރީގެ ވިސްނުން ކުރިއަށް ނެރެ ކޮށްފާނެކަމުގެ ބިރު އެބަ އޮތެެވެ. އަދި އިސްލާމުދީނާ ފުށުއަރާ އެތައް ކަމެއް ކުރުމުގެ ފުރުޞަތު މިނިވަންކަމާއެކު މަގުފަހިވެގެން ދެއެވެ. އަމިއްލަ އުފެއްދުންތެރިންނަށާއި މާކެޓުއަށް ގޮށްޖެހުން ކުރިމަތިކުރުވާނީ، ބިޔަ އިންވެސްޓަރުންނާއި އަމިއްލަ ވިޔަފާރިތަކަށް ވާދަކުރުމަށް ދަތި އުދަގޫވާނެތީއެވެެ. ޓެކްސްތަކާއި ކަސްޓަމްސް ޑިއުޓީއަށް އެބައިމީހުން މަރަކުހަދާނެއެވެ. ނަމަވެސް، މި ދެންނެވުނު ހުރިހާ ކަމަކީވެސް، ޤާވާއިދުތަކާއި ޤާނޫނުތަކުން ހަމަ މަގަށް އެޅުވޭނެ ކަންތައްތަކެއް ކަމުގައި ދެކެމެވެ.
އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ދިވެހިރާއްޖޭގެ ތަރައްޤީ ޔާގީންކުރެވިދާނެކަމަށްބުނާ ފަރާތްތަކުން ފާހަގަކުރާ ޕޮއިންޓުތައް ވަރަށްވެސް ގިނައެެވެ. ދިގުމުއްދަތުގައި އިޤްތިޞާދުގެ ތަނބުތައް ހަރުދަނާވެ، އިޤްތިޞާދީ ފުދުއްތެރިކަމާއި އުފެއްދުންތެރިކަން ކުރިއަރައިގެންދާނެއެވެ. މަގުތަކާއި، ބަނދަރުތަކާއި، ދަތުރުފަތުރުގެ ވަޞީލަތްތައް ތަރައްޤީވުމަށް ފުރުޞަތު ބޮޑުވެއެވެ. އެހެނީ، ބިޔަ އިންވަސްޓުމަންޓުތަކަށް ޤައުމުގެ އެތެރޭގެ އިންފްރަސްޓުރަކްޝަރު ގެ މުހިއްމުކަން ބޮޑުވުމެވެ. ތަނަވަސްވާ ވަޒީފާގެ ފުރުޞަތުތަކުން އާންމު ރައްޔިތުންނަށް ސީދާ މާލީ މަންފާ ލިބިދޭނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފައްކާވެފައިވާ ޓެކްނޮލޮޖީތައް ގެނައުމަށް މަގުފަހިކުރުވައެެވެ. މީގެއިތުރުންވެސް، ހުނަރުވެރި އިންސާނީ ވަޞީލަތްތަކުން ދިވެހީންނަށް އެތައް ވަޒީފާގެ ހުނަރަކާއި ގޮތްތައް ދަސްވެގެންދާނެކަން ކަށަވަރެވެ.  އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ހަޤީޤީ މަންފާވެރިންނަށް ވާނީ ކުރިމަގުގެ ޖީލުތަކެވެެ. ސަބަބަކީ، އިންވެސްޓުމަންޓްސްތައް ގެނެސް، ފުޅާކޮށް އިތުރުކުރުމަށް ވަގުތުތައް ނަގާނެތީއެެވެ.

 އެހެންކަމުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ އިތުރު ރިފޯމަކާއި ދިމާއަށް މިޞްރާބުޖަހަންޖެހިފައިވާ ވިމާ، ދަނޑިވަޅުގައި އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ބޭނުން ހިފުން މުހިއްމެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބިނާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެވެޭނެ ހަމައެކަނި ގޮތަކީ "އިޤްތިޞާދީ ޚާއްޞަ ސަރަޚައްދު" ތަކުގެ ބޭނުން ހިފުންކަމުގައި ދެކެމެވެ.   އިޤްތިޞާދަށް ބާރުގެނައުމުގައި ބައެއްކަންތައްތަކަކީ ބައެއް ފަހަރު އަޖުމަ ބަލައިލާންޖެހޭ ކަންތައްތަކެވެ.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.