Search This Blog

Friday, September 6, 2024

ބާރަށް ދުއްވުން

 

ދިރާސާތަކުން ދައްކާގޮތުގައި ބާރަށް ދުއްވުމަކީ ޒުވާން ސިކުނޑިތައް ކުރާހިތްވާ ކަމެކެވެ. މިޢަމަލުގެ ސަބަބުން އެތަކެއް ފުރާނައެއް ނެތި ގޮސް ޖިސްމަށާއި މުދަލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން، މިއީ މައްސަލައެއްގެ ގޮތުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް ފާހަގަކުރެއެވެ. ދިވެހިރާއްޖޭގައިވެސް ބާރަށް ދުއްވުން މިއަދު މިވަނީ އިޖުތިމާޢީ އަދި އަހުލާޤީ މައްސަލައަކަށް ވެފައެވެ. ނޫސްތަކުގެ ސުރުޙީތަކުން މިކަން ޝައްކެތް ނެތް މިންވަރަށް ސާފުވެއެވެ.  

ޓްރެފިކް މެނޭޖްމަންޓަށް އަދި މަގުމަތީ ސަލާމަތަށް މިއަދު ދިވެހިރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ހުރަހަކީ ބާރަށް ދުއްވުމެވެ. މިފަދަ ނުރައްކާތެރި އެސިޑެންޓްތައް އަޅުނަޑުގެ އަމިއްލަ ލޮލުން ތަޖުރިބާކޮށް އެކަމުގެ ހިތި ނަތީޖާ ދުށީމެވެ. ބާރަށް ދުއްވުމުގެ ސަބަބުން، ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ޖެހި ޒުވާނުން ވިއްސި ވިހާލިވެގެންދާ މަންޒަރުތައް ބެލުމަކީ ހިތަށް ކުޅަދާނަ ކަމެއް ނޫނެވެ. ރާއްޖޭގައި ވެހިކަލްތައް މޮޑިފައިކޮށްގެން "ޒަމާނީ އަޑުތައްކަމުގައި ބެލެވި" އެކި އަޑުތައް ނެރެ އެއްޤަމު އުޅަނދު ދުއްވާތާ އަހަރުތަކެއްވީއެވެ. އެކަކު އަނެކަކު ވާދައަށް މިކަންތަކުގައި އުޅޭ މަންޒަރުތައް ފެނެއެވެ. ސްޕީޑު ޗޮއިސް އަކީ ތަބީޢީ ގޮތުން ދުއްވާ މީހާގެ އިހްތިޔާރު ގައި އޮންނަ އެއްޗެކެވެ. އަދި މިކަމަށް، ޢާއިލާގެ މެމްބަރުންނާއި، ރަހްމަތްތެރިންގެ ނުފޫޒު އިންތިހާއަށް އޮވެއެވެ.  އެކްސިޑެންޓުތައް ދިމާވާ އެންމެ ބޮޑު އެއްސަބަބަކީ، އާންމުކޮށް ދުއްވާ ސްޕީޑު ލިމިޓަށްވުރެން ހަތަރު ގުނަ ދުއްވާ ސްޕީޑު ބާރުވުމެވެ.

ސްޕީޑު ލިމިޓްގެ ޗޮއިސް އަކީ ތިމާގެ އިހްތިޔާރެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަންޖެހެއެވެ. އެއީ ޤާނޫނީ ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހެއެވެ. އަދި ޓްރެފިކް މެނޭޖްމަންޓުގެ އުޞޫލުތަކާއި ޤަވާޢިދުތަކަށް އިހްތިރާމްކުރަން ޖެހެއެވެ. މަޑުން އުޅަނދު ދުއްވާ މީހުންނަކީ "މިޒަމާނުގެ ފެޝަން" ނޫންކަމަށް ދެކޭ ދެކުންވެސް ބަދަލުކުރަންޖެހޭ ވަގުތު އަތުވެއްޖެއެވެ. މަޑުން އުޅަނދު ދުއްވާ މީހުންނަކީ ނަފުސަށް އޮންނަ އިތުބާރު ކުޑަ މީހުންނެއް ނޫނެވެ. އެމީހުންނަކީ އެހެނިހެން ނަފުސުތަކަށް އިތުބާރު ކުރާ ، އިހްތިރާމް ކުރާ މީހުންނެވެ.

މިކަމަށް އޮތް އެންމެބޮޑު ހައްލަކީ ކެތްތެރިކަން އިސްކުރުމެވެ. ޒަރޫރީ ހާލަތެއްގައި މެނުވީ ބާރަށް ނުދުއްވުމެވެ. މިފަދަ ކަންކަން އިސްލާހުކުރަން ހަރުކަށި ފިޔަވަޅު އަޅަންޖެހެއެވެ. ސަރުކާރަކަށް އެންމެ ފަހުންކުރެވޭނެ އެއްކަމަކީ، އެތެރެ ކުރާ އުޅަނދުތަކުގެ އިންޖީނުތަކުގެ ސްޕީޑު ލިމިޓް ކުރުމެވެ. ސުވަރުގޭގެ ދޮރު ލައްޕާތީ، މާއަވަހަށް ބާރަށް ދުއްވަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކަންކަން އިސްލާހުކުރަން ތިމާގެ އަމިއްލަ ނަފުސާއި ހަމައިން ފަށާށެވެ.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.