Search This Blog

Tuesday, October 18, 2011

އިހަވަންދޫގެ މަސްވެރިކަމަށް ޤަރުނުގެ ބޮޅު ތަކެއް ގެތެމުން ދާއިރު . . .

އިހަވަންދޫގެ ރައްޔިތުންނަކީ މަސްވެރިކަމުގައި ވެރިކަން ކުރާ ބައެކޭ ބުނުމުން އެއީ އަތޮޅުގެ އެހެން ރަށްތަކަށް ކުރެވޭ ބޭއިންޞާޕު އެއް ކަމަށް އަޅުގަނޑު ނުދެކެން. މިރަށުގެ މަސްވެރިން މިއަދު މިވަނީ މަސްވެރިކަމުގައި ގިރާ ކުރަން ޖެހުނު ހުރިހާ ހަރުފަތް ތަކެއް ގިރާ ކުރުމަށްފަހު ޒަމާނީ ގޮތަށް މިމަސައްކަތް ބަދަލުކޮށްފަ. މިރަށަކީ މަސްވެރިކަމުގެ ދިގު ތާރީޙެއް އޮތް ރަށެއް ކަމަށް އަޅުގަނޑުމެންގެ ކާބަފައިން ބުނަމުން ދަނީ ހެކިތަކާއި އެކު. ފަން ރިޔާ، އަދި ފޮތި ރިޔަލުގައި، އަދި ފަލި ބޭނުންކޮށްގެން މަސްވެރިކަން މިރަށުގެ ކުރީގެ ވަޒަންވެރިން ކޮށްފައި ވޭ. ނަމަވެސް، އެއީ މަސްވެރިކަމުގެ ކަޅު ސޮފްޙާ ތައް. އެއީ ހިތްދަތި ކޮށް އެއިރު ކުރެވުނު މަސްވެރިކަން. އެއީ ކަށިން ހިތްވަރު ނެރެގެން ވެހޭހާ ވާރޭއެއްގައި އަދި ދޭހާ އަތްވެއްގައި މަސްވެރިކަން ކުރި ދުވަސްވަރު.

ނަމަވެސް، މިއަދު އަޅުގަނޑަށް ފަޙްރުވެރިކަމާއެކު ބުނަން ކެރޭ ވާހަކައަކީ، މި އަތޮޅުގައި އެންމެ ބޮޑު ހޭދައެއް (އެންމެ ބޮޑު އިންވެސްޓްމަންޓް) މަސްވެރިކަމަށް ކޮށްފައިވާ ބަޔަކީ ހުދު އިހަވަންދޫގެ މުރާލި ފިސާރި ކެރޭ ރައްޔިތުންކަން. ޒަމާންވީ ދިގު މަސްވެރިކަމުގެ ގޮތްތަކަށް އެތަކެއް އިންޤިލާބު ތަކެއް މިރަށު ރައްޔިތުން ގެނުވި. އަދި އެބަދަލުތައް އުފަލާއި އެކު ރައްޔިތުން ބަލާގަނި. މީލާދީ ސަނަތުން 1973 ގައި އިހަވަންދޫގެ ރައްޔިތުން ބައު ރިޔާތައް، ލަކުޑި ފަލިތައް ދޫކޮށް 20 – 30 ރިޔަލުގެ މަސްއޮޑިތައް ބަނި. އަދި މިގޮތުން ހަމަ އެއަހަރު މިރަށު ކުރީގެ ވެރިކަން ކުރި ފަރާތެއް ކަމަށްވާ އަލްމަރްޙޫމް ޢަބުދުއްޞަމަދު ހުސޭނުގެ "ފަރިވާ" ނަމަކަށް ކިޔާ ދޯންޏެއްގައި "އިންޖީނު" ފުރަތަމަ ފަހަރަށް އެޅުނު. އެއިރު އިންޖީނު ދޯނި ފަހަރުގައި އެޅުމުން މަސްތައް އިންޖީނުގެ އަޑަށް ދުވެ ފިލާނޭ ބުނި ބުނުން މިއަދު މިރަށުގެ ރައްޔިތުންނަށް ފުލޯކް ވާހަކައަކަށް ވެއްޖެ.  މަސްވެރިކަމަށް ބޭނުންކުރާ އޮޑިދޯނި ފަހަރުތައް ބަންނަށް ފެށުމުން ރަށަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ރަށުގައި ކިއްސަރުވަޑާމުގެ ފޭރާން ހެޔޮގޮތެއްގައި ވިޔެވުން ފެށުން. މިގޮތުން މިރަށު އަންނާރުމާގެ/މުހައްމަދު ޢާދަމް، ހަވީރީއުފާ/މުހައްމަދު ނާޞިރު، ފެންފިޔާޒުގ/ޢަބުދުލްލަތީފް މުހައްމަދު އަކީ އަތޮޅުގައި ނަން މަޝްހޫރު ކިއްސަރުވަޑާމުގެ މާހިރުން.

އެއްސިލިންޑަރު، ޓޫޓީ އިންޖީނުތައް ތިން ސިލިންޑަރު އިންޖީނުތަކަށް ބަދަލުވީ މަސްއޮޑިތަށް ފަރުމާން ކުރެވުމުން އައި ގޮތްތަކަށް އައި ބަދަލުގެ ސަބަބުން. އޮޑިދޯނި ފަހަރު ބޮޑުވެ، މަސްވެރިކަން ފަސޭހައިން ކުރެވޭނެ ގޮތް ގޮތައް ދޯނިތަށް ބަދަލުވެގެން ދިޔަ. ލަކުޑި ދޯނިތައް ބިޔަވަމުން ގޮސް 80 – 90 ފޫޓްގެ މަސްދޯނިތައް އިހަވަންދޫއަށް އާންމުވި. އަދި ދޯނީގެ އިންޖީނުގެ ހޯސްޕަވަރު މަތިވެގެންދިޔަ. މިގޮތުން 115، 205، 410 ހޯސްޕަވަރު އިންޖީނުތަކުގައި މަސްވެރިކަމުގެ އުޅަނދުތަކުގައި އެޅުމުގެ ސަބަބަބުން ދުރު ޞަރަޙައްދުތަކަށް މަސްވެރިކަން ކުރުމަށްޓަކައި ފަސޭހަކަމާއެކު ދަތުރު ކުރެވި ބާނާ މަހުގެ ޢަދަދަށް ހެޔޮ ބަދަލެއް އައި.
މިބަދަލުގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ ފައިބަރު،  ދޯނި ބަނުމަށްމި ރަށުގެ ރައްޔިތުން ބޭނުން ކުރަން ފެށުން. މިހާރުގެ މަސްއޮޑިއެއްގައި ޢާންމު ދިރިއުޅުމެއްގައި ގެއެއްގައި ބޭނުން ކުރާ ހުރިހާ ސާމާނު ފެންނަށް ހުރޭ. ނިދާ އެނދު،، ފާޙާނާ، ބަދިގެ، ޓީވީ (ފޮޓޯ ފޮށި)، ލަވަޖަހާ އަޑު ފޮށި، ރެފްރިޖަނެރޭޓަރު ފަދަ ތަކެއްޗަކީ ކޮންމެ މަސްދޯންޏެއްގައިވެސް މިއަދު ޢާންމު ވެފައިވާ ތަކެތި. މަސްދޯނި ފަހަރު މިހާރު ފަރުމާން ކުރެވިފައިވަނީ އެއް ދުވަހަށްވުރެ ގިނަ ދުވަހުގެ މަސްވެރިކަން ކުރެވޭ ގޮތަށް.
ނަމަވެސް މިހުރިހާ ބަދަލުތަކާއެކުވެސް އިހަވަންދޫގެ މަސްވެރިންނަށް އެތަކެއް ގޮން ޖެހުން ތަކެއް މި މަސައްކަތް ކުރުމުގައި ދިމާވޭ. އޮޑި ދޯނި ފަހަރު 85-90 ފޫޓަށް ބަދަލުވި އިރު، އެކަށޭނަ ފަޅެއް ރަށުގައި ނެތްކަން އޮޑިވެރިން ހިތާމައާއި އެކު ފާހަގަ ކުރައްވާ. އަދި ރަށުގައި މަސް މާރުކޭޓެއް ރަނގަޅު ފެންވަރެއްގައި ހެދިފައިނެތިމަކީވެސް މި ރަށުގެ މަސްވެރިކަމަށް ލިބޭ އިތުރު ހީނަރު ކަމެއްކަމަށް ހުދު ރަށުގެ ރައްޔިތުން ދެކޭ. އޮޑިދޯނި ފަހަރަށް ބޭނުންވާ ތެޔޮ އެކަށީގެންވާ ގޮތެއްގައި ރަށުގައި ލިބެން ހުރިއިރު، އިންޖީނުގެ ސްޕެއަރ ޕާޓްސް އަދި މަސްވެރިކަމުގެ ޢާލާތްތައް ރަށުން ލިބެން ނެތްކަމީވެސް އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް. އިހަވަންދޫގެ މަސްވެރިކަމުގެ ދިގު ތާރީހެއް އޮތް ކަމުގައި ވީ ނަމަވެސް، އޮޑިދޯނި ފަހަރު އެހެލުމަށް ވަކި ތަނެއް ހެދި ފައި ނެތް ކަން ފާހަގަ ކުރަން.  މިއީ މިއަދުގެ ޒަމާނީ މަސްވެރިކަމަށް އިހަވަންދޫގެ ރައްޔިތުންނަށް ދިމާ ވަމުންދާ ހުރަސްތައް. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު، މަސްވެރިންނަށް އެތަށް ފަސޭހަތަކެއް ހޯއްދަވައިދެއްވާނެ ކަން ނިމިގެން ދިޔަ މަސްވެރިންގެ ދުވަހު ވިދާޅުވި. މަސް ނުބައިނުވެ ދޯނި މަތީގައި ގެންގުޅެވޭނެ ސިސްޓަމް އެއް މިހާރުވަނީ ރާއްޖެ ގެނެސް ޓެސްޓް ކޮށްފަ. މަހުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމަށް އަދުގެ ސަރުކާރުން ނިންމުމުން އެއީ ހެޔޮ ބަދަލެއްކަމަށްވެސް ގިނަ ރައްޔިތުން ޤަބޫލު ކުރޭ. މިހާރު އެންމެ އުދަގޫ ކަމެއްކަމަށް އޮޑިވެރިންނާއި ކެޔޮޅުން ބުނަމުން އަންނަނީ ބޭންކް ލޯނު ލިބުމުގެ ދަތިކަން.

މަސްވެރިކަމުގައި އިހަވަންދޫ ފާހަގަ ކޮށްލެވޭ ސަބަބުތައް ބައިވަރު. އަތޮޅުގައި މަސްވެރިކަން ކުރަން ބޭނުން ކުރާ އެންމެ ގިނަ ޒަމާނީ އުޅަނދު ހުރީ އިހަވަންދޫގައި. ވޭތުވެ ދިޔަ 5 އަހަރުވެސް އެންމެ ގިނަ މަސް ބޯޓަށް ކިރުވި ބަޔަކީވެސް އިހަވަންދޫ ރައްޔިތުން. އޯލެވެލް ނިންމާ، އޭ ލެވެލް ނިންމާ ޒުވާނުންވެސް އަތޮޅުގެ ނިސްބަތުން އެންމެ ގިނައިން މަސްވެރިކަމުގައި ހޭދަ ކުރާ ރަށަކީވެސް ހަމަ އިހަވަންދޫ. ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ފެށީންސުރެން އެއް ފަހަރަށް ވުރެން ގިނަ ފަހަރު މަސްވެރިންގެ ދުވަސް އެރަށެއްގައި ފާހަގަ ކުރި ރަށަކީވެސް ހަމަ އިހަވަންދޫ. ބޭންކް ލޯން އެންމެ ގިނައިން މަސްވެރިކަން ކުރުމަށްޓަކައި ނެގި ބަޔަކީވެސް ހަމަ އިހަވަންދޫގެ ރައްޔިތުން.
މި ސަބަބުތަކަށްޓަކައި، އަތޮޅުގައި މަސްވެރިކަމުގައި ރަސްކަން ކުރާ ބަޔަކީ އިހަވަންދޫ ރައްޔިތުންނޭ ބުނެވޭނެ ޖާގަ އޮތް ކަމަށް އަޅުގަނޑު ދެކެން.


No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.