Search This Blog

Friday, April 20, 2012

ކިޔަވާހިތްވާ ކުދިންނަށް.....


    01 އެޕްރީލް 2012 ވީ ދުވަހުގެ މެންދަރު ގަޑިން 12 ޖަހާ ބޮޑުވެގެން ދިޔައިރުވެސް ހަމަ އެއްގޮތަކަށްވެސް ލޮލަކަށް ނިންޖެއް ނައެވެ. ހިތަށް އެރިއެވެ. ކުރިއަށް އޮތީ ފުރަތަމަ ސެމިސްޓަރގެ އިމްތިހާނު ކަމަށްވުމުން، ދަރިވަރުންގެ ކިޔެވުމުގެ ބުންވަރާއި ފެންވަރަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަހަލަ ލިޔުމެއް ބްލޮގް ޕޯސްޓުގައި ޖަހާލުމަކީ ކުރަން ރަނގަޅު ކަމެކެވެ.
މި މަޢުލޫގައި ޙިޔާލަށް އަންނަމުންދާ އެއްޗެތި އެއްކޮށް ހުސްކޮން ނުލެވުނަސް، ޙިޔާލީ ތަޞައްވުރުތައް މަދުކޮށްލުމަށްޓަކައި ފެށީމެވެ.
ދުނިޔޭގައި ދިރިއުޅޭއިރު ވަގުތު ބޭކަރު ނުކޮށް، މައުނަވީ ދިރިއުޅުމަށް ބޭނުންވާ ޢިލްމަށް މާތްﷲ ގެ ހަޟްރަތުގައި ދެއްވުމަށް ކޮންމެ ކުއްޖަކުވެސް އެދި ދުޢާ ދަންނަވާށެވެ. އެންމެ މަތިވެރި ޢިލްމު ލިބިވޮޑިގެންވާ ފަރާތަކީ މާތްﷲ ސުބުހާނަހޫ މަތަޢާލާއެވެ. އެކަލާނގެ އަޖަލު ކުރައްވާފަރާތަކަށް އެކަލާނގެ ބޭނުންވާ މިންވަރަށް ޢިލްމު ދެއްވުމުގެ ކުޅަދާނަކަން އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ.
ތަޢުލީމް އުނގެނުމަކީ ވިސްނުން ތަރައްޤީކޮށް، ދިރިއުޅުމަށް ހެޔޮ ބަދަލު ޒަމާނާއި ވަގުތާއި ތަނާއި ގުޅޭގޮތުން ކޮންމެ ސިފައެއްގައިވެސް ކުރަންޖެހޭ ކަމެއްކަން ހުރިހާ ކުދިންވެސް ފުރަތަމަ ޤަބޫލުކުރަންޖެހެއެވެ. ޢިލްމް އުނގެނެނީ ކުރާނެ ކަމެއް ނެތިގެންނެއް ނޫނެވެ. ކުރާނެ ކަމެއް ހޯދުމަށްޓަކައިއެވެ. މިޝްރާބު ހޯދުމަށެވެ. އެތައް މަގަކުން ތެދު މަގު ހޯދުމަށެވެ. ކޮންމެ ކަމެއްގައިވެސް ހެޔޮ ގޮތް އިހްތިޔާރު ކުރުމަށެވެ. ތަޢުލީމް އުނގެނުމުގެ އެންމެ ކުޑަ މިންވަރަކީ މިއީއެވެ. އުނގެނުމުގެ ހައްދެއް ނެތެވެ. ފިޅާވަޅު ދަސްކުރުމަށާއި ތަޢުލީމް އުނގެނުމަށް ކޮންމެ ކުއްޖަކުވެސް އަމިއްލަގޮތްތަކެއް ހޯދައި ރާވަން ޖެހެއެވެ. ހޯދާނީ ތިމާއަށް އެންމެ ފަސޭހަކޮށް އުނގެނެވޭ ގޮތެވެ. އެ ގޮތަކީ އެހެން ކުދިން ކޮންމެހެން ބޭނުންކުރާ ގޮތަކަށްވާކަށެއް  ނުޖެހެއެވެ. ދަރިވަރުންގެ ތަބީޢީ ތަފާތުތަކާއި ވިސްނުމާއި ބުއްދީގެ ތަފާތުތަކުގެ ސަބަބުން، ތަފާތު ދަރިވަރުން އުނގެނެނީ ތަފާތު ގޮތް ގޮތަށެވެ. މިގޮތުން ދަރިވަރުން އުނގެނުމުގައި ބޭނުންކުރާ ގޮތްތައް ލިޔެލަމާ ހިނަގާށެވެ.

1.      ހިތުދަސްކުރުން: ބައެއް ދަރިވަރުން މުދައްރިސުގެ ނޯޓާއި، ދަރިވަރުންގެ ފޮތުގެ މަޢުލޫމާތައް އަޑު ހަރުކޮށް ކިޔައިގެންނާއި، އަވަސް އަވަހަށް ކިޔައިގެންނާއި، މަޑުން ކިޔައިގެންނާއި އަދި ފެރެގްރާޕް ޕެރެގްރާފް ވަކިން ކިޔައިގެން ދަރިވަރުންގ ޝޯޓު ޓާރމު މެމޯރީއަށް މަޢުލޫމާތު ރައްކާކުރަން މަސައްކަތް ކުރެއެވެ.
2.       ބައެއް ދަރިވަރުން އެއްވެސް މަޢުލޫމާތެއް ފަރުވާތެރިކަމާއި އެކު އެއްކޮށެއް ކިޔާކަށެއް ބޭނުމެއް ނުވެއެވެ. ސްކޭން ގެ އުޞޫލުން ފިޅާވަލު ސްކޭން ކޮށްލުމަށްފަހު މަޢުލޫމާތު ޝޯޓް ޓާރމު މެމޯރީއަށް ރައްކާކުރެވޭތޯ ބަލައެވެ. މިފަދަ ދަރިވަރުންނަކީ ތަބީޢީ ގޮތުން ވިސްނުމުގެ ތޫނުފިލިކަމާއި އުނގެނުމުގެ ޙާއްޞަ ސިފަތައް ދެއްވާފައިވާ ފަރާތްތައްކަން ޔަޤީނެވެ.  
3.      ނޯޓް މޭކިންގް: ދިގު ޖުމުލަތަކާއި ދިގު ޕެރެގްރާފް ތައް ފެނުމުން ކިޔުމަށް އެތަކެއް ދަރިވަރުން ފޫހިވެއެވެ. ވީމާ، ގިނަ މުދައްރިސުންވެސް ޕޮއިންޓް ފޯރމަށް ނޯޓް ދީފައި ހުންނަ ކަމަށް ފާހަގަ ވެއެވެ. އެއީ ގިނަ ދަރިވަރުން އެގޮތަށް އެކަންތައް ކުރަން ބޭނުންވަނީ ކަމަށްވެދާނެއެވެ. ނަމަވެސް، ހަނދާންކުރާށެވެ. ތިމާގެ ދިރިއުޅުމަކީ ޕޮއިންޓް ފޯރމަށް ބަށްޓަން ކުރެވޭ ވަރަށް ވުރެން ފުޅާ އެއްޗެކެވެ. އަރާއި ކޮންމެ އިރަކާއި އޮއްސެހޭ ކޮންމެ އިރެއް އަންގައިދިނީ އެދުވަސް ނިމިގެން އެދަނީ އައު ކަންތައް ތަކެއް ތިމާއަށް ކުރިމަތި ކުރުވާފަކަމެވެ. އަދި ކިޔެވުމުގެ މަތީ ހަރުފަތްތަކުގައި ރިސަރޗު ހެދުމަކީ އާންމު ކަމެކެވެ. ވީމާ، މުދައްރިސުން ޕޮއިންޓް ފޯރމަށް ނޯޓު ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫނެވެ. ނަމަވެސް، ދަރިވަރު ލައްވާ އެގޮތަށް ނޯޓު ނެގުމަކީ ދަރިވަރުގެ އިމްތިހާނުތަކަށް ދަރިވަރަށްދެވޭ ވަރަށް ބޮޑު ލުއި އެއްކަމަށް ޤަބޫލުކުރަމެވެ.
4.      ކިޔެވުމަކީ މަޖާކަމެކެވެ. ކޮންމެހެން ކަލާއި ހުދުން ލިޔެވިފައިވާ ކުދި އަކުރުތަކަށް ބަލައިގެން ތިބެ އުނގެނުމަށް މަސައްކަތް ކުރާނަމަ މިކަމުގެ މަޖާ ކަމެއް އިހްސާސް އެއް ނުވާނެއެވެ. ކިޔެވުމަކީ ކުރެހުމަކަށް ބައެއް ދަރިވަރުން ހަދައެވެ. ބައެއް ފަހަރު އެފަދަ ދަރިވަރުންގެ ކިޔަވާ ކޮޓަރި ބަލާލުމުން ހީވާނީ އާރޓު ކިޔަވާ ކުއްޖެއްގެ މަސައްކަތްކަމަށެވެ. ނަމަވެސް، ގްރެފިކް އޯގަނައިޒާސް އުނގެނުމަށް ބޭނުން ކުރެއެވެ. އެއީ، ކޮންސެޕްޓު މައިންޑް މެޕް، ފިސް ބޯން ޑައިގްރާމް، ސްޕައިޑަރު ޗާރޓު ، އައިސް ކްރީމް ޑައިގްރާމް، ބަރގަރޗާޓު، ހައުސް ޗާޓު ފަދަ ޑިޒައިންތަކެވެ. އުނގެނުމުގައި ހުރިހާ ކުލަތައް ޖައްސާ ބޭނުންކުރާށެވެ. މަޢުލޫމާރު އަލުން ހަނދާން ކުރުވުމަށް ކުލަ މަގުފަހި ކުރުވައެވެ.
5.       ކިލާސްތެރޭގައި ހަމައެކަނި އުނގެނޭ/ ދަސްކުރާ ދަރިވަރުން އުޅޭނެކަމަށް ޤަބޫލުކުރަން ހެއްޔެވެ؟ އާއެކެވެ! އެފަދަ ކުދިންނަކީ ވިސްނުމުގެ ޙާއްޞަ ބާރެއް މާތްﷲ ދެއްވާފައިވާ ކުދިންނެވެ. އެފަދަ ކުދިންނަށް ތަޢުލީމީ ބަހުރުވައިން ކިޔައި އުޅެނީ "ގިފްޓެޑް ނުވަތަ ޓެލެންޓެޑް" ކުދިންނެވެ.
6.      މަލްޑީމީޑިޔާ އަށް ފުރުޞަތު ލިބޭ ދަރިވަރުން އުނގެނުމުގައި މަލްޑިމީޑިއާ ބޭނުންކުރުން ވަރަށް މުހިއްމެވެ. ޕަވަރ ޕޮއިންޓް ޕްރެސެންޓޭޝަން އަޅުވައިގެން މުހިއްމު ބައިތައް ދަރިވަރުން ނިދާ ގަޑީގައި ހަނދާނުގައި ބަހަށްޓަން މަގުފަހިކުރުވައެވެ.
7.      އެކުވެރިޔާއަށް ފިޅާވަޅު ދަސްކުރުމުގައި އެހީތެރިވުމަކީވެސް އުނގެނުމުގެ މުހިއްމު ގޮތެކެވެ. ނަމަވެސް، ބައެއް ދަރިވަރުން އެފަދަ ކަންކަމަށް ޖެހިލުންވުމަކީ ހިތާމަހުރި ކަމެކެވެ. ތިމާގެ މަޢުލޫމާތު އެހެންމީހަކާއި ޙިއްޞާކުރުމަކީ އެއްގޮތަކަށްވެސް ތިމާގެ މަޢުލޫމާތު އުނިވާކަމެއް ނޫނެވެ. ރަނގަޅަށް މުޢާމަލާތްކޮށް ވާހަކަ ދައްކައި އުޅޭ ކުދިންނަށް އުނގެނުމަށް ފަސޭހަ އިހްސާސް ކުރެވެއެވެ. ވަށައިގެންވާ ކަނޑުން އެންމެ ލޮނު ފެން ބާލިދީއެއް ނުވަތަ ލިޓަރެއް ނެގުމުން، ކަނޑުގެ ފެންގަޑުގެ އުސްތިރިމިނަށް އެއްވެސް ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރަންހެއްޔެވެ؟ ޢިލްމު ހޯދުމާއި ހިއްޞާކުރުމުގައިވެސް އޮންނަނީ ހަމަ މި އުޞޫލެވެ.
8.       ފިޅާވަލު ރިކޯޑު ކޮށްލައި އޯޑިއޯ ކުލިޕެއްގެ ގޮތުގައި އަޑު އަހާލުން ވާނީ ކިހިނެއްތޯއެވެ؟ ތިމާގެ އަޑު އެންމެ ފަރުވާތެރިކަމާއި އެކު އަހަންޖެހޭނެ ފަރާތަކީ ހަމަ ތިމާއެވެ. ވީމާ، މިއީ ބުއްދިވެރި ގޮތެކެވ. ދެވޭ ސަމާލުކަން އިތުރު ވެއެވެ.
9.      އެކައުންޓު، ހިސާބު، ކެމިސްޓްރީ، ފިޒިކްސް އަދިވެސް ވިޔަތަކާއި ގުޅޭ މާއްދާތަކުގެ މަޢުލޫމާތު ދެނެތަގުމަށް އެންމެ ރަނގަޅު ގޮތަކީ އެއް ނަންބަރެއް އެތައް ފަހަރަކު ތިމާ އަމިއްލައަށް ހައްލުކުރަން ދަސްކުރުމެވެ. ބައެއް ދަރިވަރުން ޓެސްޓުތައް ކައިރިވުމުން، އޭ ފޯ ކަރުދާސް ގަނެ ކުރާ މަސައްކަތް މިއިނގުނީ އެހެންނޫންތޯ؟
10.  އާންމު މަޢުލޫމާތު މުއްސަނދިކުރުމަކީ އުނގެނެން ވަރަށް ފަސޭހަކުރުވާ ކަމެކެވެ. ޒިޔުރޗް އޮންނަ ތަނާއި ދުނިޔޭގެ އެކި ބައްރުގެ ވަގުތުގެ ތަފާތު ތައް ހުންނަ މިންވަރު ކޮންމެވެސް ވަރަކަށް އިގުމަކީ ޖީ.ސީ އޯ ލެވެލް ހިސާބު މާއްދާގެ ބައިތައް ފަސޭހަ ކަމާއި އެކު އުނގެނުމަށް މަގު ފަހި ކުރުވާނެ ކަމެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކުރާ މަސައްކަތްތައް އިނގޭ ކުއްޖަކަށް ސެންޓްރަލް ބޭންކް އެއްގެ ފަންކްޝަންތައް ދެވަނަ ފަހަރަށް ދަސްކުރާކަށެއް ނުޖެހޭނެއެވެ. ވީމާ، އާންމު މަޢުލޫމާތު ހޯދައި އެކަންތައްތަކުގެ މަތީ ދިރިއުޅުން ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ނަމަވެސް، މިގޮތަށް ހޯދެވޭ މަޢުލޫމާތު ބޭނުންކުރުމުގެ ކުރިން އެކަންކަމުގެ ތެދު ދޮގު ކަށަވަރުކުރުމަކީ މަޢުލޫމާތު ބޭނުން ކުރާ ފަރާތުގެ ޒިންމާއެކެވެ.
11.  ސުވާލާއި ޖަވާބު ތައްޔާރުކުރުން: ކޮންމެ މާއްދާއަކުންވެސް ސުވާލު ލިސްޓާއި އޭގެ ޖަވާބު ލިސްޓު ތައްޔާރުކޮށް ފަރިތަކޮށް ބައެއް ދަރިވަރުން ހަދައެވެ. މިގޮތަށް މަސައްކަތްކުރާއިރު އެންމެ ހަރުދަނާ ގޮތަކީ ދެކުދިން ވެގެން މި މަސައްކަތް ކުރިއަށް ގެންދިއުމެވެ. އެއްކުއްޖަކު ސުވާލުކުރުމުން އަނެއް ކުއްޖަކު ޖަވާބު ދިނުމެވެ. އަދި ނުބައިކޮށް ދޭ ޖަވާބުތައް ސުވާލުކުރާ ކުއްޖާ ރަނގަޅު ކުރުމެވެ. މިކަން މިގޮތަށް ކުރުމުން އުނގެނުމުގައި ދެކުދިންވެސް އެއްވަރަށް ޝާމިލްވެވި، ދެކުދިން އުނގެނުމަށް މަގުފަހި ކުރުވައެވެ.
12.   ގްރޫޕް ސްޓަޑީ ހެދުން:
މިއީވެސް ބައެއް ދަރިވަރުން ހިޔާރު ކުރާ ގޮތެކެވެ. ވިސްނަންވީ، ގްރޫޕް ސްޓަޑީހަދާއިރުވެސް ވަކި ކަހަލަ ސްލޫކެއް ޤާއިމް ކުރެވިފައި އޮންނަން ޖެހޭނެކަމެވެ. މިސާލަކަށް، އަމިއްލަ ވާހަކަތަކުންނާއި ހީސަމާސާއިން މާހައުލަށް ހަލަބޮލިކަން ގެނުވައިދީގެންނެއް ނުވާނެއެވެ. ގްރޫޕެއްގައި ތިބުން އެންމެ ރަނގަޅީ 3 ނުވަތަ 5 ކުދިންނެވެ. 3 ކުދިންނަށްވުރެ މަދު ގްރޫޕް ތަކުގެ އާއި 5 ކުދިންނަށްވުރެ ގިނަ ކުދިން ތިބޭ ގްރޫޕްތަކުގެ މަސައްކަތްތަކުގެ ފެންވަރު އެހާ ރަނގަޅު ނޫންކަމަށް ދިރާސާތަކުން ދައްކައެވެ.
13.  އޯޑިއޯ އަދި ވީޑިއޯ: ބައެއް ދަރިވަރުން އަމިއްލަ އަޑުން ފިޅާވަޅުތައް ރެކޯޑުކޮށް އެ ރިކޯޑިންތައް ގިނަގިނައިން އަޑުއަހައި އުޅެއެވެ. މިއީ އުނގެނޭ ބައިތައް ހަނދާނުގައި ބަހަށްޓަން ވަރަށް ފަސޭހަ ގޮތަކަށް ބައެއް ދަރިވަރުންނަށް ވެދާނެއެވެ. އަދި ތަފާތު މަޢުލޫތަކާއި ގުޅޭ، ކިޔެވުމާއި ގުޅުން ހުރި ވީޑިއޯތައް ބެލުމަކީ ދަސްވިއެއްޗެއްގެ ޔަޤީންކަން އިތުރުވެ، ދަސްވިބައިތައް ހަނދާން ކުރަން ފަސޭހަ ގޮތެކެވެ. ސައިންސް ކަހަލަ މާއްދާތަކުގެ އެކްސްޕިރަމެންޓްތައް ހަނދާނެ ގޮތުގެ ފުރިހަމަ ވީޑިއޯތައް އަޑާއި އެއްކޮށް ޔޫ ޓިއުބުގައި އެބަހުއްޓެވެ.
ވިސްނުމަށް ގެނައުން މުހިއްމު ކަމެއް ފާހަގަކޮށްލާނަމެވެ. ގުޅިފައިވާ މާހައުލެއްގައި އެހެނިގެން ގުޅިފައިވާ ފަރާތްތަކާއި އެއްކޮށް އުނގެނުމަށް މަސައްކަތް ކުރި ނަމަވެސް، ވިސްނާލަން މުހިއްމު ކަމަކީ، އުނގެނުމަށް ތިމާ އަމިއްލަ ނަފްޞް ހޭދަ ކުރާ ވަގުތު އެއްވެސް ގޮތަކަށް މަދުކޮށްގެން ނުވާނެ ކަމެކެވެ. އަދި ވަގުތެއް ލިބުމުން، އިތުރުބައިތަކެއް މި މަޢުޟޫއަށް ލިޔެލަން ޤަޞްދުކޮށް ނިންމާލަމެވެ.

No comments:

Post a Comment

Thank you very much for your comment. Your comment will be published after moderation by blogger.