Local Producers Selling Locally produced bananas and young coconuts at Male' |
ކޮންމެ
ބޭނުމެއްކަމުގައިވީ ނަމަވެސް، އެންމެ
ގަދަޔަށް ޚަބަރު ތަކުންނާއި މާޟީ ގެ ޞަފުހާތަކުން ލިޔެވިފައިވަނީ ރާއްޖޭގެ އިޤްތިޞާދު ނާޒުކުކަމާއި ކުޑަ ކަމުގެ
ވާހަކައެވެ. އަދި އެހެން ކަމުން، ޤައުމުގެ
ތަރައްޤީ އަމިއްލަވަންތަކަމެއްގެ މަތީގައި އޮވެ ބިނާ ކުރުމަކީ ނުހަނު ބޮޑު
ތަކުލީފަކަށް ވެފައިވާ ކަމުގެ ވާހަކަ ތަކެވެ. އެހެންކަމުން، ބޭރު ޤައުމު ތަކުގެ އިސްތިޢުމާރީ ފިކުރު ތަކާއި
އެހީތަކާއި ނުލައި ދިވެހީންނަށާއި ދިވެހިރާއްޖެއަށް ކުރިއަށް ނުދެވޭނެކަމަށް ގިނަ
ބަޔަކަށް މިއަދު ޤަބޫލުކުރެވިފައި އޮތް އޮތުމާއި މެދު އަޅުގަނޑުމެން
ޙައިރާންވާކަންނުޖެހެއެވެ. އެއީ އަޅުގަނޑުމެންނަށް
ބަޔަކު އެ ގޮތަށް ވިސްނާދިނުމަށް ކުރި މަސައްކަތުގެ ނަތީޖާއެވެ.
ކޮންމެ
އިޤްތިޞާދެއްގައިވެސް ހަޤީޤީ އިންޖީނަކީ އުފުއްދުންތެރިކަމެވެ. މި އުފެއްދުން
ތެރިކަން އެއް ހަމައެއްގައި ހިފަހަށްޓައި ދޭ ތެލަކީ ޤުދުރަތީ ވަޞީލަތްތަކެވެ. މި
ވަޞީލަތްތައް ރާއްޖެ ވަށައިގެންނާއި ކަނޑު އަޑީގައި މާތް ﷲ ގެ ކުޅަދުން ވަންތަ
ކަމުން ލެއްވިފައި އެވަނީ އެވެ. ރާއްޖޭގެ ޢިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާ ކުރީ
ޤަޞްދުގައި މަދު ވިޔަފާރި ވެރިން ތަކެއް އެއީ އެދުވަސްވަރު ފަސޭހައިން ކުރެވުނު
ވިޔަފާރިއަކަށް ވީމަ ކަމަށް ބުނެވޭނޭ ޖާގަ އެބަ އޮތެވެ. އަމިއްލަވަންތަ
އިޤްތިޞާދެއް ބިނާ ކުރުމަށް ރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަން އެކަށީގެންވާ
މިންވަރަށް ކުރިއެރުވިފައި އެއް ނެތެވެ. އެއީ އެމަސައްކަތުގެ އިންވެސްޓްމަންޓްސް
ތަކުގެ ބިޔަ ކަމުންނެއް ނޫނެވެ. އެމަސައްކަތްތަކުގެ ބުރަކަމާއި ފަންނުވެރިކަމުގެ
ބޮޑުކަން ، މި ދެދާއިރާ ގެ ތަރައްޤީ އަށް ހުރަސް އެޅުން އެކަށީގެން
ވެއެވެ.
ރާއްޖޭގެ
އިޤްތިޞާދާމެދު ހާއްޞަ ނަޒަރަކުން ވިސްނާފި މީހަކަށް ޢިބްރަތެއް ވާކަށް
ކަށަވަރެވެ. ރާއްޖެވަނީ ޖަޒީރާ ރަށްތަކަކަށް އަތޮޅުތަކަކަށް ބެހިފައެވެ. މިއިން، ކޮންމެ ރަށެއްގައިވެސް، ހަޤީގަތުގައި އެރަށެއްގެ ދިރިއުޅޭ ރައްޔިތުންނަން
ބޭނުންވާ މިންވަރަށް ޤުދުރަތީ ވަޞީލަތްތައް ތަނަވަސް ވެފައިވެއެވެ.
ފަތުރުވެރިކަމުގެ
ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްސް އާއި އަޅާބަލާއިރު ދިވެހި ރާއްޖޭގެ އެތެރޭގެ
އިޤްތިޞާދުގައި އެބުރޭ ފައިސާގެ މިންވަރު ވަރަށްވެސް ދަށެވެ. ވިޔަފާރިވެރިންނާއި
ސަރުކާރުތަކުން، ހަލާލް، ހަރާމް އެއް ނުބަލައި ރަލާއި އޫރުމަސް އެކުލެވޭ ގޮތަށް
ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާ ކުރެއްވީ، ބޭރު ޤައުމު
ތަކަށް ބަރޯސާ ވެގެންނެވެ. ލީސް އުޞޫލުން ހަމައާއި ލަމައެއް ނެތި ކޮރަޕްޝަނަށް
މަގުފަހިވާ ގޮތަށް ރަށް ތައް ހިތު ހުރި ގޮތަކަށް އާންމު ފަރުދުންނަން ދޫކޮށް
ބޭރުގެ ފަރާތްތަކަށް ބޮޑު އަގުގައި ލީސް ކުރަނީއެވެ. މިކަން ކުރެވިފައިވަނީ
އިޤްތިޞާދި ގޮތުން ކުރެވުނު ކަމަކަށްވުރެން ބޮޑަށް ބަޔަކަށް ފައިދާ ތަކެއް ހޯދައި
ދިނުމުގެ ބޭނުމުގައެވެ. ރާއްޖޭގެ ތާރީޙު ސިއްސުވާލި، އެމް. އެމް. ޕީ، އާރު، ސީ ގެ ފައިސާގެ ޙިޔާނާތް
މި ދެންނެވުނު ވާހަކައިގެ ދަލީލަކަށް ފުދެއެވެ. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދުކޮޅަށް ޖެހުމަށް، އިސްލާމީ ފަތުރުވެރިކަން ފުޅާ ކޮށް، މި ޖަޒީރާ ރަށްތައް ތަރައްޤީ ކުރުން ދިވެހި
ކުންފުނިތަކަށް ހުޅުވާލައި، އެފުރުޞަތު
ސަރުކާރުން މަގުފަހިކޮށްދެންވާނެއެވެ. އަދި ފަތުރުވެރިކަމުން ލިބޭ ފައިސާ ދިވެހިރާއްޖޭގެ
އެތެރޭގެ އިޤްތިޞާދުގައި އެބުރޭނެ ގޮތް ހަދަން ޖެހެއެވެ.
ރަށް ފުށުގެ
ދިރިއުޅުމުގެ މައިގަޑު ދެ އަޞާސް ކަމުގައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ
ދާއިރާގައި ދިވެހި ރާއްޖޭގައި ހެދިފައިވާ ދިރާސާތައް ވަރަށްވެސް މަދެވެ. މި ފަދަ
ކަންކަމަށް ސަރުކާރުތަކުން ބަޖެޓު ކަނޑައަޅައި ދިރާސާ ތައް ކުރުމުގައި
އަހައްމިއްޔަތު ކަން ދިނުމަކީ ކޮންމެހެން ބޭނުން ތެރިކަމެކެވެ.
ދަނޑުވެރިކަން
ރާއްޖޭގައި މި އަށް ވުރެ ފުޅާ ކުރެވޭން ޖެހެއެވެ. އެތަކެއް ޤުދުރަތީ
ވަޞީލަތްތަކެއް އެއްވެސް ބޭނުމެއް ނުކޮށްފަޅު ރަށްތަކެއްގެ ގޮތުގައި ، އެއްވެސް އިޤްތިޞާދީ މަންފާއެއް ނުލިބޭ ގޮތަށް ބެހެއްޓުމީ
ޤައުމަށް އޮތް އެންމެ ރަނގަޅު ގޮތް ތޯ އާ މެދު ސުވާލު ކުރަން ޖެހެއެވެ. ވުމާއެކު، ވިހާވެސް ގިން ފަޅު ރަށް ރަށުގައި ދަނޑުވެރިކަން ކުރެވޭނެ
ގޮތް ހަދައިދީ އަދި ދަނޑުވެރިކަން ކުރިއަރުވާ، ރަސްމީ ސިފައެއްގައި ދަނޑުވެރިކަން ޔުނިވާރސިޓީ ފެންވަރުގައި
އުނގަންނައިދޭން ޖެހެއެވެ.
އެސް.ޓީ.އޯ އާއި އަދި
ސަރުކާރު ކުންފުނިތަކުން އާންމުން ކުރާ ވިޔަފާރިތަކަށް ވަނުމަކީ އިޤްތިޞާދަން
ގެންލުންދޭ ކަމެކެވެ. ވީމާ، އާންމުން
ކުރާ ކުދި ވިޔަފާރިތަކަށް ސަރުކާރުން ޖާގަ ދޭން ޖެހެއެވެ. އަދި އާންމު ކުދި ވިޔަފާރިތައް
ފަސޭހައިން ކުރެވޭ ގޮތް ޕޮލިސީ ލެވެލްގައި ހަދައި، ޓެކުސް ނެގުމަކީ ވިޔަފާރިތަކަށް ހުރި ބިރެއްގެ ގޮތުގައި
އޮންނަ އޮތުން ނިމުމަކަށް ގެންނަށްޖެހެއެވެ. ރާއްޖޭގައި ޓެކްސް ނެގުމުގެ ސަބަބުން
މިހާރުވެސް ޙިދުމަތާއި މުދަލުގެ އަގުވަނީ އިންތިހާ އަށް އުފުލި ފައެވެ. ނަތީޖާއަކަށް
ވެގެންދަނީ ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ދުވަހެއް ދުވަހަކުން އުފުލު
އަމިއްލަ ދިރިއުޅުން ޕްރެޝަރަށް ވެއްޓުމެވެ.
ހަމަ މިއާއި އެކު، ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތުގެ މިންގަޑުން
ނުވަތަ އާންމުދަނީގެ 2.5 އިންސައްތަ އަށްވާ ފައިސާ އެއީ ޤައުމަށް ބޭނުންވާ ދިރާސާތައް
ކުރުމަށް ހަމަޖެއްސޭ ފައިސާ ކަމުގައި ހެދިދާނެއެވެ. މިގޮތުން ޞިއްޙީ އަދި ތަޢުލީމީ
ދާއިރާއިން ވީހާވެސް ގިނަ ދިރާސާތައް ހެދުމުގެ ފުރުޞަތާއި އަދި އެކަމުގައި ބައިވެރިވުން
ތަޢުލީމީ ދިވެހިންނަށް ދިނުން މުޙިއްމެވެ. ހަމަ މިއާއެކު، ތަފާތު ސިނާޢަތްތަކުގައި ގިނަ އަދަދަކަށް ބިދޭސީން
މަސައްކަތްކުރަމުން ދާނީ ޤާއުމުން ބޭރަށް ދާ ފައިސާގެ ލީކޭޖު ހިފަހެއްޓުމަށް
ޓަކައި ޤައުމީ ފެންވަރެއްގައި ކެމްޕެއިން ކޮށް، އެ މަސައްކަތްތަކުގައި އުޅޭނެ ދޭސީ ރައްޔިތުން ބިނާކޮށް
އެމީހުންގެ ދިރިއުޅުން އާރާސްތު ކުރެވޭ ވަރުގެ މުސާރައަކާއި އެކު ، އެފުރުޞަތު އެމީހުންނަށް ހޯދައިދޭން ޖެހެއެވެ.
ޤައުމުގެ އިޤްތިޞާދު
ސީދާ ގޮތުން ގުޅި ލާމެހިފައިވާ ދެ ދާއިރާ ކަމަށްވާ ޞިއްހީ އަދި ތަޢުލީމީ ދާއިރާ
އަށް ބިނާކުރަނިވި ގޮތެއްގައި ދައުލަތުގެ ބަޖެޓން ޚަރަދު ކުރާ މިންވަރު ބޮޑު ކޮށް، ދުޅަ ހެޔޮ ޖީލެއް އުފައްދައި، އުފެއްދުންތެރިކަން އިތުރުކުރަން ޖެހެއެވެ.
ކުރުކޮށް ދަންނަވާނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހަން ބޭނުން
ނަމަ، ޤައުމުގެ އެތޭރޭގައި އެބުރޭނެ
ފައިސާގެ ޢަދަދު އިތުރުކޮށް، އާންމުދަނީ ހޯދާނެ އިތުރު ވަޞީލަތްތަކެއް ހޯދަން ޖެހެއެވެ.
ފަޅު ގޮވާންކޮންގެންނާއި، ދަނޑުގޮވާން ކޮށްގެންނާއި، މަސްވެރިކަމުގެ ތަފާތު އުފެއްދުންތަކުން މިކަން
ކުރެވިދާނެއެވެ. ފާނައިގެ މަސްވެރިކަމާއި މުރަކައިގެ ވިޔަފާރި އަކީ ވެސް ފުޅާ ދާއިރާއެއްގައި
ކުރެވިދާނެ ވިޔަފާރިތަކެވެ.
No comments:
Post a Comment
Thank you very much for your comment. Your comment will be published after moderation by blogger.